ފަރުހަތު ސަމީރު
ކައުންސިލްގެ ނައިބު ރައީސް
ކައުންސިލްގެ 05 ވަނަ ދައުރު
އަލްފާޟިލާ ފަރުޙަތު ސަމީރަކީ މި ކައުންސިލަށް ތިން ވަނަ ފަހަރަށް އިންތިޚާބުވެ މި ދައުރުގައި ކައުންސިލްގެ ނައިބު ރައީސްކަން ކުރައްވަމުން ގެންދަވާ ފަރާތެކެވެ. ކައުންސިލްގެ ނައިބު ރައީސްގެ ހައިޞިއްޔަތުން މި ކައުންސިލްގައި ފަރުހަތު ސަމީރު އަދާކުރައްވަމުން ގެންދަވާ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ބިންބިމާއި ގޯތިގެދޮރާއި ބެހޭގޮތުން މިކައުންސިލުން ހިންގާ އެންމެހައި ކަންކަމާއި ގުޅޭގޮތުން ރަށުގައި ހިންގާ ޕްރޮގްރާމްތައް މޮނިޓަރ ކުރުމާއި، އިޖުތިމާއީ ސަރަހައްދު ކުނިކެހުމާއި ޕާރކްތައް ބެލެހެއްޓުމަށް ކައުންސިލުން ކުރަންޖެހޭ ކަންކަން ރާވައި ތަރުތީބު ކުރުމާއި އެކަންކަން މޮނިޓަރކޮށް ބެލެހެއްޓުމާއި، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެންމެހައި އިމާރާތްތައް ބެލެހެއްޓުމުގެ މަސައްކަތާއި، ރަށުގެ ވިޔަފާރިތަކާއި ދަނޑުވެރިކަމާއި ގުޅޭ އެންމެހައި ކަންކަން ބެލެހެއްޓުމާއި، ތިމާވެށީގެ ހާލަތު ދެނެގަތުމާއި ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން ތިމާވެއްޓާއި ގުޅޭ ވުޒާރާއާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކާއި، ތިމާވެއްޓާއި ގުޅޭ ރަށުފެންވަރުގައި ކައުންސިލުން ރާވާ ޕްރޮގްރާމްތައް ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވުމާއި، ސިއްޙި ދާއިރާ އާއި ގުޅުން ހުރި ކަންކަމާއި ތަފާތު މުނާސަބަތުތައް ފާހަގަކުރުމަށް ކައުންސިލުން ކުރިއަށް ގެންދާ ޙަރާކާތްތައް ރާވައި ހިންގުމުގެ އިތުރުން ތަޢުލީމާއި ގުޅޭ މަސައްކަތްތައް ހިމެނެއެވެ. އެގޮތުން މި އިދާރާއިން ހިންގަމުންދާ ޕްރީ ސްކޫލްގެ ކަންކަން ބަލަހައްޓަވަމުން ގެންދަވަނީ ފަރުހަތު ސަމީރެވެ. ފަރުހަތު ސަމީރަކީ މި ކައުންސިލްގެ 02 ވަނަ ދައުރުގެ ރައީސް ކަމާއި ނައިބު ރައީސްކަން އަދި 4 ވަނަ ދައުރުގައި ކައުންސިލްގެ އަންހެން މެންބަރުކަން ކުރައްވާފައިވާ ފަރާތެކެވެ. އަދި އޭގެ އިތުރުން މުރައިދޫ ސިއްޙީ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރކަން 17 ނޮވެންބަރު 2011 އިން 07 ޖުލައި 2017 އަށް ކުރައްވާފައިވެއެވެ.