މުރައިދޫ ކައުންސިލްގެ 04 ވަނަ ޤުރްއާން މުބާރާތް ބާއްވައިފި

03 ޖޫން 2025 | 13:23

މުރައިދޫ ކައުންސިލްގެ 04 ވަނަ ޤުރްއާން މުބާރާތް ބާއްވައިފިއެވެ. މިއީ، ކައުންސިލުން ރަށުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބިޖެއްސުމުގެ މަޤްޞަދުގައި 2022 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތް ކުރިއަށްގެންދަނީ 7 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. 2025 މެއި 01 އަދި 02 ގައި ކުރިއަށް ގެންދެވުނު މި މުބާރާތުގައި ޖުމްލަ 81 ބައިވެރިން، ބައިވެރިވެފައިވެއެވެ.

މި މުބާރާތުގެ ފަޙުރުވެރި 1 ވަނަ ޙާޞިލުކުރީ 13 އަހަރުން ދަށުގެ ދަރިވަރު ލޫކް މުޙައްމަދު ޝާކިރުއެވެ. ޤުރުއާން މުބާރާތުގެ ކިޔެވުން ނިންމާ، މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 2025 މެއި 02 ވަނަ ދުވަހުގެ ރޭ މުރައިދޫ ސްކޫލް ހޯލުގައެވެ. މި ރަސްމިއްޔާތުގެ ޝަރަފްވެރި މެޙެމާނަކީ ހއ.އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤުއެވެ.

މި ރަސްމިއްޔާތުގައި ހއ. އަތޮޅު ކައުންސިލްގެ ރައީސްގެ އިތުރުން މުބާރާތަށް އެހީތެރިވެ ދެއްވާފައިވާ ސީގަލް ގްރޫޕް ޕްރައިވެޓު ލިމިޓެޑްގެ 1 މެންބަރު އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވިއެވެ. މި އަހަރުގެ މުބާރާތް ކުރިއަށް ގެންދެވިފައިވަނީ ސީގަލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ހއ. މުރައިދޫ ރަބީއުގެ އަޙްމަދު ހަނީފްއާއި، އަލްޕްސް އިންވެސްޓްމަންޓާއި، އޭ.އެސް.އޭ މާރޓާއި، ކޮފީ ހަޓާއި އަދި މުރައިދޫ ސްކޫލްގެ ވަރަށް ބޮޑު އެހީތެރިކަމާއެކުއެވެ.