އަލް ބްރޫޖް ހއ.މުރައިދޫ ކައުންސިލްގެ 05 ވަނަ ޤުރްއާން މުބާރާތް ބާއްވައިފި

04 އޮގަސްޓު 2026 | 15:22

އަލް ބްރޫޖް ހއ.މުރައިދޫ ކައުންސިލްގެ 05 ވަނަ ޤުރްއާން މުބާރާތް ބާއްވައިފިއެވެ. މިއީ، ކައުންސިލުން ރަށުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބިޖެއްސުމުގެ މަޤްޞަދުގައި 2022 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތް މި އަހަރު ކުރިއަށްގެންދެވުނީ 7 އުމުރުފުރާއަކަށް ބަހާލައިގެން ކޮންމެ ބައިވެރިއަކަށްވެސް އެއް ގޮފީގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިގެންނެވެ. 2026 ޖުލައި 30 އަދި 31 ގައި ކުރިއަށް ގެންދެވުނު މި މުބާރާތުގައި ޖުމްލަ 78 ބައިވެރިން، ބައިވެރިވެފައިވެއެވެ.

މި މުބާރާތުގެ މުޅި މުބަރާތުން ފަޙުރުވެރި 1 ވަނަ ޙާޞިލުކޮށް އަލް ބްރޫޖް ހޯލްޑިންގ ޕްރައިވެޓްގެ ފަރާތުން ދެއްވާ ޢުމްރާ ދަތުރު ކާމިޔާބުކޮށްފައިވަނީ  16 އަހަރުން ދަށުގެ ދަރިވަރު ޔަލްވީ ބިންތް ހުސައިން ޞާލިހެވެ. ދެވަނަ ހާޞިލްކޮށްފައިވަނީ 16 އަހަރުން ދަށުގެ ދަރިވަރު މުޙައްމަދު އީޠަނެވެ. އަދި މި މުބާރާތުގެ މުޅި މުބާރާތުން 3 ވަނަ ޙާޞިލްކޮށްފައިވަނީ 13 އަހަރުން ދަށުގެ ދަރިވަރު ޝިވާން ބިން އަމްޖަދު މުޙައްމަދެވެ.  މިއަހަރުގެ ޤުރުއާން މުބާރާތުގެ ކިޔެވުން ނިންމާ، މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 2026 ޖުލައި 31 ވަނަ ދުވަހުގެ ރޭ މުރައިދޫ ސްކޫލް ހޯލުގައެވެ.  މި ރަސްމިއްޔާތުގެ ޝަރަފްވެރި މެޙެމާނަކީ ހއ.އަތޮޅު ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ޝިޒްލީނެވެ.

މި ރަސްމިއްޔާތުގައި ޝަރަފްވެރި މެޙެމާންގެ އިތުރުން މުބާރާތަށް އެހީތެރިވެ ދެއްވާފައިވާ ފަރާތްތައް އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވިއެވެ. މި އަހަރުގެ މުބާރާތް ކުރިއަށް ގެންދެވިފައިވަނީ އަލް ބްރޫޖް ހޯލްޑިންގ ޕްރައިވެޓްގެ އިތުރުން ބާރަށު ދާއިރާގެ އިއްޒަތްތެރި މެންބަރު އިބްރާހީމް ޝުޖާޢު އަދި އަލްޕްސް އިންވެސްޓްމަންޓާއި ބޭންކް އޮފް މޯލްޑިވްސް، ސީގަލް ޕަރައިވެޓް ލިމިޓެޑާއި ހއ.މުރައިދޫ ރަބީޢުގެ އަޙްމަދު ހަނީފްގެ އިތުރުން ހއ.މުރައިދޫ ބްލޫހެވަން އައިރާ މުޙައްމަދު އާދިލް އަދި މުރައިދޫ ސްކޫލްގެ ވަރަށް ބޮޑު އެހީތެރިކަމާއެކުއެވެ.